ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ލިބިވަޑައިގެންފިއެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ގ. ގަސްކަރަ، ޑރ. މުހައްމަދު ރަޝީދު އިބްރާހީމާއި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، މ. ސިލްވާކްލައުޑް، އައްބާސް އިބްރާހީމަށް ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުވީ މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ދެ ބޭފުޅުންނަށް ވެސް ވަނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ މެޑެއްޔެއް އަރުވައިފައެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް އަރުވާފައިވަނީ ދީނީގޮތުން ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފެވެ. އަދި އައްބާސް އިބްރާހީމަށް އަރުވާފައިވަނީ ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފެވެ.

އިޝްތިހާރު އިޝްތިހާރު

ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ ރައީސް އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުން ފެށިގެން އަހުމަދިއްޔާ ސްކޫލުގެ މުދީރުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމާއި، އިސްލާމިން މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާ ނެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވިއެވެ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރެއްވި އައްބާސް އިބްރާހީމް އެންމެ ފާހަގަކޮށްލެވެނީ ދިވެހި ބަހަށް ހިދުމަތްކުރެއްވުމުގެ ރޮނގުންނެވެ. އައްބާސް ހަބަރު ލިޔުއްވަން ފައްޓަވައި، ފަތިސް ނޫހާއި އާފަތިސް ނޫހުގެ ނަމުގައި ނޫހެއް ވެސް ހިންގެވިއެވެ. ޅެންވެރިކަމުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ އައްބާސް މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމުގައެވެ. އައްބާސް ވަނީ ދައުލަތަށް 57 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ.

މިރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ.