ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗު ހިމެނޭހެން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު އިޢުލާނަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ އިޢުލާނުގައި މާލޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އެންމެ މުހިންމު 14 ސަރަޙައްދެއް ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ބުނެ ސަރުކާރަށް ނެގުމަށް ނިންމުމުން، އެކަމާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ވަނީ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ޤާނޫނުން ސަރުކާރަށް ލިބިދީފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އިޖުރާއާތުތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ މައުޟޫޢީ ދަޢުވާގެ ތެރެއިން ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށްވެސް ކޯޓުން ބަޔާންކުރިއެވެ.
މީގެއިތުރުން، އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނުނެރެދީފިނަމަ، މާލީ ގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް އަނބުރާ އިޢާދަނުކުރެވޭނެ ފަދަ ދާއިމީ ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ.
ހަމައެއާއެކު، މަސްލަހަތު ބުރަވާ ކޮޅަށް ބަލާއިރު، ސަރުކާރުން ބަޔާންކޮށްފައިވާ ޢާންމު މަޞްލަޙަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހުރަސްއެޅިގެން ދިއުމުގެ ފުރުޞަތާއި، ކައުންސިލުން ފާހަގަކުރާ ކަންކަމަށް ރިޢާޔަތްކުރާއިރު، މަޞްލަޙަތު ބުރަވަނީ ވަގުތީ އަމުރު ނުނެރުމުގެ ކޮޅަށް ކަމަށްވެސް ސިވިލް ކޯޓުން މިއަދު ކަނޑައެޅި އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.