ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައި، އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ހަމަޖައްސަވައިފިއެވެ. މި މަޤާމުގައި ކުރިން ހުންނެވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އެކުލަވާލައްވާފައިވާ ކޮމިޝަނެކެވެ. މި ކޮމިޝަނަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ކޮމިޝަނެކެވެ. ކޮމިޝަނަށް ގެންނެވި ބަދަލުތަކާއެކު އަލަށް ދެ ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު، މިހާރު ކޮމިޝަނުގައި ތިއްބަވަނީ ޖުމްލަ 7 މެންބަރުންނެވެ.

ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި މިހާރު ހިމެނިވަޑައިގަންނަވަނީ:

އިޝްތިހާރު އިޝްތިހާރު

ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު (ކޮމިޝަނުގެ ރައީސް)

ކެޕްޓަން އަޙްމަދު ޒުބައިރު

ޑރ. އާމިނަތު ޝާފިޔާ އާދަމް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ޞާދިޤް

އަޙްމަދު ޢަލީމަނިކު

އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު

އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލަ ދިރާސާކުރި ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ރާއްޖެއިން ކަންކުރި ގޮތުން ކަމަށް ލަފާދީފައިވާތީއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައްސަލައިގެ މައުޟޫޢު ކުރިއަށްދިޔަ ގޮތުގައްޔާއި، ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި އެކަމާ ގުޅުންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރިން ޢަމަލުކޮށްފައިވާ ގޮތް ތަޙުޤީޤުކުރުން ހިމެނެއެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކޮށްފައިވާ ގޮތް ތަޙުޤީޤުކުރުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުންވެސް ހިމެނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ގޮތްތައް ހުށަހެޅުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނާ މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.