ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މިސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
މިސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.
މީގެ އިތުރުން، އެތައް ގަރުނެއްވީ ދިވެހި ފުލޯކު ވާހަކަތަކުންވެސް ދަތުރުވެރިންނާއި މަސްވެރިން އެ ރަށްރަށުގައި ތިބިކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ. ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.
ދިވެހިރާއްޖޭގެ ދެކުނުން އައްޑޫ ގަމާއި ގާތްގަނޑަކަށް 500 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ، 7 އަތޮޅުގެ މައްޗަށް އެކުލެވޭ، 60 ރަށް ހިމެނޭ ތަނެކެވެ. އެ ރަށްތަކަކީ މިހާރު އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެކެވެ. ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރ ހުރި ފޯޅަވަހީގެ މިލްކުވެރިކަމަށް ރާއްޖޭގެ އިތުރުން މޮރިޝަސްއިން ދައުވާކުރެއެވެ.
މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ. ތާރީޚީ ގޮތުންބަލާއިރު ރާއްޖެ އާއި ފޯޅަވައްސާއި ގުޅުވާދޭ ތާރީހީ އެތައް ގިނަ ހެކިތަކެއް އެބަހުރިކަމަށް ސަރުޖާރޔބް ފާހަގަކުރައްވައެވެ.










ކިޔުންތެރިންގެ ހިޔާލު