ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުން މުޅި ސްރީލަންކާ އިން އެއްވަނަ ދިވެހި ދަރިވަރަކު ހޯދައިފިއެވެ. މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ "ދަ ބްރިޓިޝް ސްކޫލް އިން ކޮލަމްބޯ" ގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރު އައިޝަތު ޒާރާ އިކްރާމެވެ.

ޖޫން 2026 ގައި ބޭއްވުނު އައިޖީސީއެސްއީ އިމްތިހާނުގައި ޒާރާ ވަނީ ޖުމްލަ 9 މާއްދާއެއްގައި ބައިވެރިވެފައެވެ. އޭގެ ތެރެއިން 8 މާއްދާއިން އޭ-ސްޓާ (A*) އަދި އެއް މާއްދާއިން އޭ (A) ގްރޭޑް ހޯދައިގެން މުޅި ސްރީލަންކާއިން އެއްވަނަ ހޯދުމުގެ އިތުރުން، ޒާރާ ވަނީ ކެމިސްޓްރީ އަދި ފިޒިކްސް މި ދެ މާއްދާއިން އެ ޤައުމުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުގެ ޝަރަފުވެސް ހޯދާފައެވެ.

ޒާރާގެ ބައްޕަ އިކްރާމް ހަސަން ފާހަގަކުރި ގޮތުގައި، މިފަދަ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ޒާރާއަށް ހޯދުނީ އޭނާ ކިޔެވުމަށް ކުރި ބުރަ މަސައްކަތުގެ އިތުރުން އޭނާގެ މަންމަގެ ފަރާތުން ލިބުނު މެދުކެނޑުމެއްނެތް ބޮޑު އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.

އިޝްތިހާރު އިޝްތިހާރު

ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނަކީ އޭގެ ތައުލީމީ މަތީ ފެންވަރާއި، ހަރުދަނާ އަދި ވަރުގަދަ އެސެސްމަންޓް އުސޫލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ މުހިންމު އިމްތިހާނެކެވެ. މި އިމްތިހާނުގައި މައިގަނޑު ގޮތެއްގައި ވަޒަންކުރެވެނީ ދަރިވަރުންގެ ފަހުމުވުމުގެ ގާބިލުކަމާއި، ފާޑުކިޔުމާއެކު ފުންކޮށް ވިސްނުމުގެ ހުނަރުގެ އިތުރުން، އެކި މާއްދާތަކުން އުނގެނޭ މައުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރަން އެނގޭ މިންވަރެވެ.

މި ސެޓްފިކެޓަކީ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެކުލެވޭ ސިލަބަސްތަކަކާއި ގޮންޖެހުންތައް ބޮޑު އިމްތިހާނަކަށް ވާތީ، މިއީ މަތީ ތައުލީމީ މަރުހަލާތަކަށް ދަރިވަރުން ތައްޔާރުކުރުމުގައި ކުރިމަތިވާ ވަރަށް މުހިންމު އަދި އެހާމެ ގޮންޖެހުން ބޮޑު އިމްތިހާނެކެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މިފަދަ ވާދަވެރި އިމްތިހާނަކުން ދިވެހި ދަރިވަރަކު ސްރީލަންކާގެ އެއްވަނަ ހޯދުމަކީ ރާއްޖެއަށްވެސް ލިބުނު ފަޚުރެކެވެ.