ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރައްވައި، އެ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއަށްފަހު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ. ރައީސް މުޢިއްޒުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އިސްވެ ތިއްބަވައިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބާއްވަވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޕްރައިމް މިނިސްޓަރ ހައުސްގައެވެ. މަޝްވަރާތަކަށްފަހު ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ވެސް ދެއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ދެ ގައުމުގެ ދެމެދުގައި މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ އިއްޔެ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީގެ އަރިހަށް ވެސް ޒިޔާރަތްކުރައްވައި، އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.

ހަމައެއާއެކު، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައި.އައި.ޔޫ.އައި) އިން ވަނީ ރައީސް މުޢިއްޒަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ވެސް އިއްޔެ އަރުވާފައެވެ.