މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި 33 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ 33 ގެއެއްގެ އިތުރުން ސަރުކާރުގެ 5 އިމާރާތަކަށާއި، 4 ސްކޫލަކަށް އަދި ކޮންސްޓްރަކްޝަން ސައިޓަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން 6 ކެފޭއާއި، 2 ކްލިނިކް، 2 ގުދަން އަދި އޮފީސް އިމާރާތަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު، ނަޖިސް ލީކުވެގެންވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ފެނުގެ އަސަރުކޮށްގެން ރިޕޯޓުކުރި ގޭބީސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމަށްޓަކައި 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވެފައިވެއެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް، ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން ވަނީ ހަރަކާތްތެރިވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.