ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ހެލްތު އިންޝުއަރެންސްއާ ގުޅުވައިގެން ވާހަކަދައްކަނީ ސިޔާސީ ފިތުނަ އުފެއްދުމުގެ މަގުސަދުގައި ކަމަށް މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.

މެންބަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން، އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ހާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދި މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައެވެ.

މަޖިލީހަށް ހުށަހެޅުނު އެ ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މަޖިލިސް މެންބަރުންނާއި ކުރީގެ މެންބަރުން އަދި އެ ބޭފުޅުންގެ އާއިލާތަކަށް ހާއްސަ ހެލްތު އިންޝުއަރެންސް ލިބިދޭ ގާނޫނީ މާއްދާތައް އުވާލުމަށެވެ. އަދި އެހެން ރައްޔިތުންނެކޭ އެއްފަދައިން، މެންބަރުންނަށްވެސް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މީގެއިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ފޯރުކޮށްދޭ އަސާސީ ސިއްހީ ހިދުމަތްތަކުގައި މެންބަރުންނާއި އާންމު ރައްޔިތުންގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް، ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.

އިޝްތިހާރު އިޝްތިހާރު

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، މަޖިލިސް މެންބަރުންނަށްވުރެ މާ ލުއިފަސޭހަ ގޮތްތަކަކަށް އެންސްޕާގެ ދަށުން އާންމު ރައްޔިތުންނަށް ބޭސްފަރުވާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

"މިއީ ސިޔާސީ ފިތުނަވެރިކަން އުފެއްދުމަށް ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރިއަށްގެންދާ ކަމެއް. ވިސްނުންތެރިކަމާއެކު ބަލައިފިނަމަ، މި ޕެޓިޝަނުގައި ހުރި ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށްފައިވާ ކަންކަމެއް ނޫންކަން ސާފުވާނެ. ހާއްސަކޮށް، އެހެން ގައުމުތަކުގައި ކަންކަން ހިނގާގޮތް ކަމަށް ބުނެ ޕެޓިޝަނުގައި ހިމަނާފައިވަނީ ކަން އޮތްގޮތް އޮޅުވާލައިގެން ދީފައިވާ ދޮގު މައުލޫމާތުތަކެއް،" މުފީދު

މިސާލު ދައްކަވަމުން މެންބަރު ވިދާޅުވީ، އެމެރިކާގެ ކޮންގްރެސް މެންބަރުން އިންޝުއަރެންސް ނަންގަވަން ޖެހިވަޑައިގަންނަވާ ނަމަވެސް، ޕްރިމިއަމްގެ 70 އިންސައްތަ ނުވަތަ 75 އިންސައްތަ ދައްކަނީ ދައުލަތުން ކަމަށެވެ. އަދި މަޖިލިސް އިދާރާއިން ޑޮކްޓަރުންގެ ހިދުމަތާއި ރިޓަޔަރމަންޓް އިނާޔަތްތައް ލިބިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޖަޕާނުގެ ޔުނިވަރސަލް ހެލްތު ކެއާގެ ދަށުން ދައުލަތަށް ދެއްކޭނެ އެންމެ ބޮޑު އަދަދު ކަނޑައަޅާފައި އޮންނައިރު، މެންބަރުންނަށް މަޖިލިސް އިމާރާތުގެ ތެރޭގައި ހުންނަ ކްލިނިކުން ހިދުމަތް ލިބުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ދެބައިކުޅަ އެއްބައި ހަރަދުކުރާ ސިވިލް ސަރވިސްގެ އިންޝުއަރެންސް ޕެކޭޖެއް އޮންނަކަން މެންބަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މި ކަންކަމަށް ރިއާޔަތްކުރާއިރު، މެންބަރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅުވައިގެން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އެއްޗެއްކަން ސާބިތުވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.