ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ތަހުގީގުކުރަން ފަށައިފިއެވެ.

މި އަމަލަށް ހިތްވަރުދީ މީސްމީޑިއާގައި ޕޯސްޓެއް ޝާއިއުކޮށްފައިވަނީ، އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން އެވެ.

އޭނާ އިނގިރޭސި ބަހުން ހިއްސާކުރި ޕޯސްޓުގައި، ދައުލަތުގެ އެ މުހިންމު ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބަކާމެދު ސުވާލު އުފައްދައި، އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރުދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. މިފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގާނޫނާ ހިލާފު މި އަމަލާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.