އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވާއިރު، ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް، އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. އަދި މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އިޝްތިހާރު އިޝްތިހާރު

ހުށަހެޅިފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މި ބިލަށް ޢައަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި ބަދަލު ގެނައުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު، މި އިސްލާހާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 496،300،302 (ހަތަރުސަތޭކަ ނުވަދިހަ ހަ މިލިއަން ތިންލައްކަ ތިން ސަތޭކަ ދެ) ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވަނީ އަންދާޒާކޮށްފައެވެ.