މިއަހަރުގެ މެއި މަހުގެ ތެރޭގައި ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައަށް ޑައިވްކުރަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ޑައިވަރުން މަރުވީ، ފުޅިން ވައި ހުސްވެ، ސިކުނޑިއަށާއި ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބުމުގެ ސަބަބުން އެނޮކްސިއާ ހާލަތު މެދުވެރިވެގެން ކަން އޮޓޮޕްސީ ރިޕޯޓުން ކަށަވަރުވެއްޖެއެވެ.
މެއި 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ، އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯންއާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން ރިސާޗަރުން ކަމަށްވާ މުރިއެލް އޮޑެނީނޯ އަދި ފެޑެރިކޯ ގުއަލްޓިއޭރީ އެވެ. މީގެއިތުރުން، އެމީހުންގެ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވި އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެއްޓީ ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.
ހާދިސާ ހިނގި ދުވަހު، ގާތްގަނޑަކަށް 55 މީޓަރު އަޑިން ހޮހަޅައިގެ ފުރަތަމަ ބައިން ބެނެޑެއްޓީގެ ހަށިގަނޑު ފެނުނު ނަމަވެސް، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހަތަރު ދުވަސް ފަހުން، މެއި 18 ގައެވެ. މި ހަތަރު މީހުންގެ ހަށިގަނޑު، 60 މީޓަރު އަޑީގައިވާ ހަނި އަދި ކޮޅުބެދިފައިވާ ދެވަނަ ޗެމްބަރުގެ ތެރެއިން ހޯދާފައިވަނީ ފިންލެންޑުގެ ޓެކްނިކަލް ޑައިވަރުންގެ ޓީމަކުންނެވެ. މި އޮޕަރޭޝަންގެ ތެރޭގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑު ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.

އިޓަލީގެ ބުސްޓޯ އަރސީޒިއޯ ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހުގެ ކޮންސަލްޓަންޓުން އެކުލަވާލި އޮޓޮޕްސީ ރިޕޯޓާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެންމެން ވެސް މަރުވާން މެދުވެރިވި ސީދާ ސަބަބަކީ އޮކްސިޖަން ހުސްވުމެވެ. ޓޮކްސިކޮލޮޖީ ތަހުލީލުތަކުން ދައްކާ ގޮތުގައި އެމީހުން ބޭނުންކުރި ސިލިންޑަރުގެ ވައިގައި އެއްވެސް ވިހަ މާއްދާއެއް ނެތެވެ. އަދި މަސްތުވާތަކެއްޗާއި ބަނގުރާ ފަދަ އެއްވެސް އެއްޗެއް އެމީހުން ބޭނުންކޮށްފައި ނުވެއެވެ. މީގެއިތުރުން، ހަށިގަނޑުގެ ބޭރުފުށުގެ އެއްވެސް ޒަހަމެއް ފެންނަން ނެތުމުން، މިޔަރެއްގެ ހަމަލާއަކުން ސަލާމަތްވާން ހޮހަޅައަށް ވަނީ ކަމަށް ބުނެ ކުރިން ދެކެވުނު ވާހަކަތައް ވެސް ވަނީ ދޮގުކޮށްފައެވެ.
މަރުވި ފެޑެރިކޯ ގުއަލްޓިއޭރީގެ އާއިލާގެ ވަކީލު އެންޓޮނެއްލޯ ރިއްޗިއޯ، އިޓަލީގެ ނޫހެއް ކަމަށްވާ ‘ލާ ސްޓަމްޕާ’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަރުގެ އަސްލު ސަބަބު ދެނެގަނެވުނު ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އަދިވެސް ސާފުނުވާ ކަމަށެވެ. އެގޮތުން، އެކަށީގެންވާ ވައިގެ ސަޕްލައިއެއް ނެތި، އަދި ހޮހަޅަތަކަށް ފީނުމަށް ބޭނުންވާ ހާއްސަ ތަމްރީނެއް ނެތި އެހާ ފުން ސަރަހައްދަކަށް އެމީހުން ދިޔަ ސަބަބު އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
ރާއްޖޭގައި އާންމުކޮށް ޑައިވިންކުރުމަށް ހުއްދަކުރާ މިންވަރަށް ވުރެ ދެގުނަ އަޑީގައި އޮންނަ މި ހޮހަޅައިގެ ދެވަނަ ބަޔަށް ވަދެވެނީ 50 މީޓަރާއި 55 މީޓަރާ ދެމެދުގެ ފުރަތަމަ ބައި ކަޑައްތުކޮށް، ހަނި މަގަކުން 60 މީޓަރާއި 70 މީޓަރާ ދެމެދުގެ ފުނަށެވެ. ފިންލެންޑުގެ ޑައިވަރުން ފާހަގަކުރި ގޮތުގައި، މި ފުން ޗެމްބަރުން ނުކުމެވެން އޮންނަ ދޮރު ވެލިގަނޑެއްގެ ފަހަތަށް ނިވާވާ ގޮތަށް އޮތުމުގެ ސަބަބުން، ނުކުމެވޭނެ މަގެއް ކަމަށް ހީކޮށް ކޮޅުބެދިފައިވާ ދިމާއަކަށް ވަދެ މަގު އޮޅުނީ ކަމަށް ބެލެވެއެވެ.
މި ހާދިސާ ހިނގި ވަގުތު އެމީހުން ގެންގުޅުނު ގޯޕްރޯ ކެމެރާތަކާއި، ލެޕްޓޮޕްތަކާއި ފޯނުތައް މިހާރު ހުރީ ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައެވެ. ވަކީލު ރިއްޗިއޯ ވިދާޅުވި ގޮތުގައި، ހާދިސާ ހިނގައިދިޔަ ފުރިހަމަ ގޮތް ކަށަވަރުވާނީ އޮޓޮޕްސީ ރިޕޯޓާއި މި ކެމެރާތަކުން ފެންނަ މަންޒަރުތައް އަޅާކިޔައި ދިރާސާކުރުމަށް ފަހުގައެވެ.










ކިޔުންތެރިންގެ ހިޔާލު