ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން މިއަދު ވަނީ ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިއީ ހުއްދަނެތި ބޭންކިންގ ހިދުމަތް ދިނުމާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި 4 ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ފިހާރައެއް އަދި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ބަލައިފާސްކޮށްފަ އެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހުއްދަނެތި، ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސަރުކާރުންވަނީ އެމްއެމްއޭގެ ގާނޫނާއި ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމަށް ހާއްސަ މަސައްކަތްތަކެއް ތަހުގީގީ އިދާރާތަކާ ގުޅިގެން ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން ގާނޫނާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރަމުން އައި ބައެއް ތަންތަން މީގެ ކުރިންވެސް ބަންދުކޮށްފައިވެއެވެ.
އޭގެ އިތުރަށް ފުލުހުންގެ ހިދުމަތުންވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރަމުންއައި ބިދޭސީންތަކެއް ހައްޔަރުކޮށް އެމީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ.
މީގެ ކުރީގައި ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމަށް އެކަށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނެތް ނަމަވެސް ސަރުކާރުން ބުނެފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ މިފަދަ އަމަލުތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއްދީގެން އިތުރު މަސައްކަތްތައް ކުރާނެ ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު