މަސްތުގެ ހާލަތުގައި ތިބެ މަގުމަތީގައި ވެހިކަލް ދުއްވުމުގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަގުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. މިގޮތުން މަގުތަކަށް އިތުރު ފުލުހުން ނެރެ، ފެށި ހާއްސަ އޮޕަރޭޝަންތަކާއެކު މަގުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަލްޓަން ޕާކުގައި ބޭއްވި “އަހާ” ފޯރަމްގެ ހަތްވަނަ ސެޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަގުމަތީގައި ހިތާމަވެރި އެކްސިޑެންޓްތައް ގިނަވަމުންދަނީ ހަމައެކަނި އެކަށީގެންވާ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން އެކަނި ނޫން ކަމަށެވެ. ބައެއް ފަރާތްތަކުން ލައިސަންސް ނަގައިގެން އުޅުނު ނަމަވެސް، ގާނޫނާއި ގަވާއިދަށް އެއްވެސް ވަރަކަށް އަހުލުވެރިވެފައި ނުވާކަން ހިނގާފައިވާ އެކްސިޑެންޓްތަކުން ސާފުވާކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުގެ ހާލަތުގައި ތިބެ ވެހިކަލްތައް ދުއްވާކަން އާދަޔާ ހިލާފަށް ފާހަގަކުރެވިފައިވާތީ، ފުލުހުން މިހާރު ހާއްސަ އިސްކަމެއް ދީގެން އެފަދަ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ނުރައްކާތެރިކޮށް ދުއްވި އެކެއް ހާސް ނުވަސަތޭކަ ހަތަރެއް ވެހިކަލް ޓޯކޮށްފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ އިތުރުން، ބައެއް މައްސަލަތަކުގައި ޖިނާއީ ދައުވާ އުފުލައި ފިޔަވަޅު އަޅަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު