ޖަލަށްލެވޭ ހިސާބުން ފެށިގެން ރާއްޖޭގެ މުއާސަލާތީ އެއްވެސް ހިދުމަތެއް ގައިދީންނަށް ނުލިބޭނެ ގޮތް ހެދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ސްކޭމް ކޯލްތައް ހުއްޓުވުމަށާއި ޖަލަށް މަނާ ތަކެތި ވައްދާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
އިހުސާން ވިދާޅުވީ ޖަލުގައި ތިބެގެން ކުރާ މަކަރާއި ހީލަތުގެ ފޯނު ކޯލްތައް ހުއްޓުވުމަށްޓަކައި މި ސަރުކާރުން މިހާތަނަށް ޖަލުތަކުގައި 353 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދިޔަ 200 އަށްވުރެ ގިނަ ފޯނު ނަންބަރު މިހާރު ކެންސަލްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު ޖަލުގައި ތިބެގެން ބައެއް ގައިދީން ފޯނު ބޭނުންކުރުމުގެ އިތުރުން އަމިއްލައަށް ފޯނު ރަޖިސްޓްރީވެސް ކުރަމުންދިޔައެވެ. ބައެއް ގައިދީންގެ ނަމުގައި 50 ފޯނު ނަންބަރު ރަޖިސްޓްރީކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ޖަލުގައި އޮންނަ މީހަކު އަމިއްލަ ނަންބަރެއް ބޭނުންކުރަންޖެހޭ ހާލަތެއް ނޯންނާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
ޖަލަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޖަލެއްގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނިން މެޝިނެއް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު ޖަލަށް ވަންނަ ކޮންމެ އޮފިސަރަކު ސްކޭންކުރުމުގެ އިތުރުން ޖަލަށް ގެންދެވޭ ދަބަސްތަކާއި ސާމާނު ބެގެޖް ސްކޭނަރުން ސްކޭންކުރަން ފަށާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
އެ ފިޔަވަޅުތަކާއެކު ޖަލަށް ތަކެތި ވައްދަން ޑްރޯން ބޭނުންކުރަން ފެށުމުން، އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގައި ކައުންޓަ ޑްރޯން ފިޔަވަޅުތައް އަޅައި، އެފަދަ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޖަލަކީ ރައްޔިތުންނަށް ނުރައްކަލެއް ނާންނާނެ ތަނަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު