ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނުނަމަވެސް، މިއަދު އެ އިދާރާގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕްގެ ސައުދަވާނަ ބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް ޒަމާނީކޮށް، ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންދާ ކަމަށެވެ.
ނަމަވެސް، އުމްރާނީ ވަސީލަތްތަކުން އެކަނި ގުޅުންތެރިކަމެއް އުފެއްދިދާނެކަން ފާހަގަކުރައްވައި ވަޒީރު ވަނީ ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ، ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާއެއް ނުނެގޭނެކަން ފާހަގަކުރައްވާފައެވެ. އަދި މުއައްސަސާތައް ވަކިވެގަނެގެން ހިންގާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާއެއް ނުލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ބޯޑަރެއް ހުރަސްކުރާއިރު މަޢުލޫމާތު ހުއްޓޭނަމަ، ސަރަޙައްދީ އިޤްތިޞާދީ ކޯރިޑޯއަކަށް އެދެވޭ ގޮތެއްގައި މަސައްކަތެއް ނުކުރެވޭނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އެހެންކަމުން، ސަރަޙައްދީ ގުޅުންތެރިކަމުގެ ދެން އޮތް މަރުޙަލާއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތައް ގުޅުވާލުމެއް ނޫން ކަމަށާއި، ނިޒާމުތަކާއި މަޢުލޫމާތާއި މުއައްސަސާތައްވެސް ގުޅުވާލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއިން ދައްކުވައިދެނީ އިޤްތިޞާދީ އަމާޒުތަކުގެ މަރުކަޒުގައި ކަސްޓަމްސް އިދާރާތައް ވާކަން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ޤާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ޤައުމީ އާމްދަނީ ރައްކާތެރިކޮށް، ޣައިރުޤާނޫނީ ވިޔަފާރި ހުއްޓުވައި، ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އަދި މުދާ އަވަހަށް އުފުލުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. މި އަމާޒުތަކަށް އެކުގައި ވާސިލުވުމަށް ޓެކްނޮލޮޖީގެ ސަބަބުން އަސާސީ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑިޖިޓަލް ކަސްޓަމްސް ނިޒާމުތަކާއި، ނޭޝަނަލް ސިންގަލް ވިންޑޯއާއި، އިލެކްޓްރޯނިކް ލިޔެކިޔުންތަކާއި، އެޑްވާންސް އިންފޮމޭޝަނާއި، އޮޓޯމޭޓެޑް ރިސްކް މެނޭޖްމަންޓް އަދި ޑޭޓާ އެނަލިޓިކްސްގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުން ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަންކުރުމާއި، ބޭނުންނެތް އިޖުރާއަތްތައް އުވާލުމާއި، ސަރުކާރުގެ އިދާރާތައް ގުޅުވާލުމާއި، އަދި މުދާ އައުމުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުން ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންގެ ނަމުގައި، އެންމެހައި ޢިއްޒަތްތެރި މަންދޫބުންނަށް، ޚާއްޞަކޮށް ސަސެކް ސަރަޙައްދުގެ އެކި ޤައުމުތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ވަޒީރު ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމާއި، ބޯޑަރުތައް ރައްކާތެރިކުރުމާއި، އަދި އިޤްތިޞާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އަރުވައިދޭ ބައްދަލުވުމެކެވެ. މިއޮގަސްޓު މަހުގެ ނަވާރަ އިން ވިހި ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، އިންޑިއާ އަދި ސްރީލަންކާއިން ބައިވެރިވެއެވެ.








ކިޔުންތެރިންގެ ހިޔާލު