އާސަންދައިން ފޯރުކޮށްދޭ އެހީތެރިކަމުގެ އިމުގެ ތެރޭގައި އައިނު ހެދޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި އައިނު ފިހާރަތަކުން މިހާތަނަށް 24،000 އަށްވުރެ ގިނަ އައިނު ހަދައިދީފައިވާއިރު، އިތުރު އައިނު ފިހާރަތައް އަތޮޅު ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މާލޭ ސިޓީ ގްރޫޮޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އައިނު ހެއްދުމަށް އާސަންދައިން ދެމުންއައި 1،000 ރުފިޔާގެ އެހީތެރިކަން އެމަނިކުފާނު 2،000 ރުފިޔާއަށް އިތުރުކޮށްދެއްވިކަމާއި، އެއަށްފަހު އެ އެހީތެރިކަމުގެ ތެރެއިން އައިނު ހެއްދޭނެ މަގުފަހިކޮށްދެއްވުމަށް އެމްސީޖީއެޗްއާ ހަވާލުކުރައްވައިގެން ސަރުކާރުން އައިނު ހައްދައިދިނުމުގެ ހިދުމަތް ތައާރަފުކުރެއްވި ކަމެވެ.
އެންމެ ފުރަތަމަ އައިޖީއެމްއެޗްގައި އައިނު ފިހާރައިގެ ހިދުމަތް ފެށި ނަމަވެސް މިހާރު ހުޅުމާލޭ ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

ހަލީމު އިތުރަށް ވިދާޅުވީ މި ފިހާރަތައް ގާއިމުކޮށްފައިވަނީ އައިނު ނަންބަރު ނެގުމާއި، ލޮލުގެ ޓެސްޓު ހެދުމާއި، އައިނުގެ ލެންސް ފިޓްކުރުން ފަދަ އައިނު ހެއްދުމާ ގުޅުންހުރި އިތުރު ހިދުމަތްތައްވެސް އެތަންތަނުން ފޯރުކޮށްދެވޭ ގޮތަށް ކަމަށެވެ.
“އަދަދެއް ދަންނަވާނަމަ އަޅުގަނޑުމެން ފެށި ހިސާބުން މިއަދާ ހަމައަށް ގާތްގަނޑަކަށް 24،000 އަށްވުރެ ގިނަ އައިނު އަޅުގަނޑުމެން ހަދައިދީފިން ދިވެހި ރައްޔިތުންނަށް ހިލޭ. ފިގާސްގެ ރޭޓުން ދަންނަވާނަމަ، 2،000 ރުފިޔާގެ ރޭޓުންނަމަ މިއީ ގާތްގަނޑަކަށް 48 މިލިއަން ރުފިޔާ. މިއީ ސަރުކާރުގެ ތެރެއިން ހަމަޖެހިގެންދަނީ،” ހަލީމު
ސީއީއޯ ވިދާޅުވި ގޮތުގައި ބައެއް ކޮމްޕްލިކޭޓެޑް ލެންސުތައް ރާއްޖޭގައި ނުހެއްދޭތީ އެ ލެންސްތައް ހައްދަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. ނަމަވެސް އެނޫން ހުރިހާ ލެންސެއް ސީދާ އައިނު ފިހާރަތަކުން ހެދޭނެކަމަށްވެސް ހަލީމު ވިދާޅުވިއެވެ.
ހިދުމަތް ފެށިއިރު ސްޓޮކް ހޯދުމުގައާއި އެނޫންވެސް ބައެއް ކަންކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެކަންކަން މިހާރު ހައްލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ ގްރޫޕުގެ އަމާޒަކީ އިތުރު ރީޖަނަލް ހޮސްޕިޓާތަކަށް އެ ހިދުމަތް ފުޅާކުރުން ކަމަށެވެ. އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ގާއިމުކުރުމުގެ ތައްޔާރީތަކާއި ޕްލޭނުތައް ނިންމުމުގެ މަސައްކަތްކުރެވެމުންދާކމަަށް ސީއީއޯ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު