މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ދަށުން ހިންގާ ހޮސްޕިޓާތަކަށް ފާއިތުވި ދެ އަހަރު ދުވަހު 1،075 މުވައްޒަފުން ނަގާފައިވާކަމަށް އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓާތައް ކަމަށްވާ އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރަށް ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ބްލަޑް ސާވިސަސް ހިންގަމުންދާ ގުރޫޕުން ފާއިތުވި ދެ އަހަރާއި ދިހަ މަހެއްހައި ދުވަހުގެ ތެރޭގައި ގިނަ އައު ހިދުމަތްތަކެއް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ ބައެއް ހިދުމަތްތަކަކީ އެ ހިދުމަތްތައް ތައާރަފުކުރާއިރު ވަކި ރޭޝިޔޯއަކަށް އެ ހިދުމަތާ ގުޅުންހުރި މުވައްޒަފުން ތިބުން ލާޒިމުވާ ހިދުމަތްތަކެއް ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ އެންސީޔޫ ނުވަތަ ތުއްތުކުދިންނަށް ހާއްސަ އައިސީޔޫއެވެ. އޭނާ ވިދާޅުވީ އެންސީޔޫއެއްގައި ކޮންމެ ބަލިކުއްޖަކަށް ނަރުހަކު ހުންނަންޖެހޭނެ ކަމަށެވެ. އެހެންކަމުން ތިން ޝިފްޓަށް ބަހައިގެން 24 ގަޑިއިރު ހިދުމަތްދޭއިރު ވަރަށް ގިނަ ނަރުހުން އެފަދަ އެންސީޔޫއަކަށް ބޭނުންވާނެކަން ފާހަގަކުރެއްވިއެވެ. އިތުރަށް ސީއީއޯ ފާހަގަކުރެއްވީ އައިޖީއެމްއެޗްގައި 75 އެނދުގެ ސާޖިކަލް ވޯޑެއް އަލަށް ތައާރަފުކުރެވުނުއިރު ޖެނެރަލް ވޯޑެއްގައި ކޮންމެ ހަތަރު އެނދަކަށް ނަރުހަކު ހުންނަންޖެހޭނެ ކަމަށެވެ.

“އަދަދުތަކަށް ސީދާ ޖެހިލާ ކަމުގައިވާނަމަ، 2024 ވަނަ އަހަރު 546 މުވައްޒަފުން އަޅުގަނޑުމެން އަލަށް އެމްސީޖީއެޗްއަށް ރެކްރޫޓުކުރިން. މީގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުވެސް ހިމެނޭހެން. ހަމަައެއާއެކީ 2025 ވަނަ އަހަރު ގާތްގަނޑަކަށް އެއާ އެއް އަދަދަކަށް 528 މުވައްޒަފުން އަލަށް ނެގިން. މި އަހަރު އަޅުގަނޑުމެންނަށް ހުއްދަ ދެއްވާފައިވޭ 957 މުވައްޒަފުން ނަގަން،” ސީއީއޯ
މިއަހަރު ނަގަން ހުއްދަ ދީފައިވާ 957 މުވައްޒަފުންނަކީ އެއްފަހަރާ ނަގާ މުވައްޒަފުން ނޫންކަމަށާއި، އެއީ ހޮސްޕިޓާތަކަށް އަލަށް ތައާރަފުކުރެވޭ ހިދުމަތްތަކާއި ހިދުމަތްތައް ފުޅާކުރެވޭ މިންވަރަކަށް ބިނާކޮށް ނަގާ މުވައްޒަފުން ކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ނިޔަލަށް އެ ގްރޫޕުގެ ހޮސްޕިޓާތަކަށް 2،000 އަށްވުރެ ގިނަ މުވައްޒަފުން އަލަށް ނެގިގެންދާނެއެވެ. އަލަށް ނަގާ މުވައްޒަފުންގެ އަޣުލަބިއްޔަތަކީ ބަލިމީހުންނަށް ފަރުވާދިނުމާ ގުޅުންހުރި އެކި ވަޒީފާތަކަށް ނަގާ މުވައްޒަފުންކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ސީއީއޯ އިތުރަށް ފާހަގަކުރެއްވީ ސިއްހީ ދާއިރާގެ ފަންނީ ވަޒީފާތަކަށް ދިވެހިން ހޯދުމުގައި އަދިވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމެވެ. އެއާއެކު އޭނާ އެދިވަޑައިގަތީ ދިވެހިން އެ ދާއިރާގެ ފަންނީ އެކި ވަޒީފާތަކަށް ތަމްރީނުވެ ވަޒީފާތަކަށް ނުކުތުމަށެވެ.
ހަލީމު ފާހަގަކުރެއްވީ އެ ގްރޫޕުން ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަން ރާވާފައިވާ އެ ދާއިރާގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު، ގްރޫޕުގެ ދަށުން ހިންގާ ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަރަށް ބޮޑަށް އިތުރުކުރެވި، ހިދުމަތްތައް ފުޅާވެގެންދާއިރު، ސިއްހީ ދާއިރާގެ އެކި ވަޒީފާތަކަށް އިތުރު ދިވެހިން ތަމްރީނުވެގެން ނުކުތުމަކީ ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމެއް ކަމުގައެވެ.










ކިޔުންތެރިންގެ ހިޔާލު