ބޮޑުތަކުރުފާނުމަގުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވަނިކޮށް ވީޑިއޯއިން ފެންނަ މީހާ ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި މީހަކު ސައިކަލެއްގައި ޒިގްޒެގްކޮށް ދުއްވާފައި ގޮސް ކުއްލިއަކަށް މަޖީދީ މަގަށް އަޅައެވެ.
އެ ވީޑިއޯގައި އެ މީހާ ވަރަށް ބޮޑަށް ސައިކަލު އަރިކޮށް އަދި މަޖީދީ މަގަށް އެޅީވެސް ސިގްނަލް ނުދީއެވެ.

މި ވީޑިއޯއާ ގުޅޭގޮތުން “މުޅިރާއްޖެ” އަށް މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ސައިކަލް ދުއްވި މީހާ ދެނެގެނެވިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މައްސަލަ ވަނީ ބޮޑުވެފައެވެ. ލައިސަންސްވެސް ނެތި ޒިގްޒެގްކޮށް ދުއްވި ސައިކަލަކުން ޖެހި، މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ސޯސަން މަގުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު އިއްޔެ ވަނީ މަރުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު