ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު ދަތުރު ފެށުމުގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުން ލާޒިމުކުރާ އައު ގަވާއިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.
“ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވާއިދު” ގެ ނަމުގައި އެކުލަވާލާފައިވާ މި ގަވާއިދަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ މުއާހަދާތަކުގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ.
ގަވާއިދުގެ މައިގަނޑު މަގްސަދުތައް:
- ރައްކާތެރިކަން ކަށަވަރުކުރުން: ރާއްޖެއަށް އަންނަ އަދި ފުރާ މީހުންގެ މައުލޫމާތު ދުރާލައި ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
- ކުށްކުރުން ހުއްޓުވުން: ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންހުރި ފަރާތްތަކާއި، ނުރައްކާތެރި ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ ބިދޭސީން ދުރާލައި ދެނެގަނެ، އެފަދަ ފަރާތްތައް ރާއްޖެ އެތެރެވުން ނުވަތަ ފުރުން ހުއްޓުވުމަށް މަގުފަހިކުރުން.
- ބައިނަލްއަގްވާމީ އިލްތިޒާމްތައް ފުރިހަމަކުރުން: އ.ދ. ގެ ސެކިއުރިޓީ ކައުންސިލުގެ ގަރާރުތަކާއި، ވައިގެ ދަތުރުފަތުރާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކަށް ފުރިހަމައަށް އަމަލުކުރުން.
މި ގަވާއިދު ހިނގާނީ ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އެންމެހައި ވައިގެ އުޅަނދުފަހަރާއި، އެ އުޅަނދުތަކުގެ ވެރިފަރާތްތައް، ޗާޓަރުކުރި ފަރާތްތައް، އޭޖެންޓުން އަދި ކެޕްޓަނުންގެ އިތުރުން އެ އުޅަނދުތަކާ ހަވާލުވެތިބި އެންމެހައި ފަރާތްތަކުގެ މައްޗަށެވެ.

މި ގަވާއިދުގެ ދަށުން، އުޅަނދުގެ މައުލޫމާތާއި، ފުރާ އަދި ޖައްސާ ތާރީހާއި ގަޑި، އަދި ފަސިންޖަރުންގެ ފުރިހަމަ މައުލޫމާތު، ދާގީނާގެ މައުލޫމާތު، ވިސާގެ ތަފްސީލު، ދާއިމީ އެޑްރެސް އަދި ދަތުރުކުރާ މަންޒިލްގެ މައުލޫމާތު އިމިގްރޭޝަނާ ހިއްސާކުރަން ޖެހޭނެއެވެ.
އިމިގްރޭޝަނަށް ލިބޭ މި މައުލޫމާތުތައް ކަސްޓަމްސްގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި ހާލަތްތަކުގައި ކަމާބެހޭ އިންޓެލިޖެންސް އިދާރާތަކާ ހިއްސާކުރެވޭނެކަމަށް ގަވާއިދުގައިވެއެވެ. އަދި އެ އިދާރާއިން މި މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތައް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ކަނޑައަޅާފައިވާއިރު މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.










ކިޔުންތެރިންގެ ހިޔާލު