ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ޗައިނާއިން ފަހުހާފުގައި ކުރިހޯދައިފިއެވެ.
ޗޮންގްޗުން ލޮންގްޝިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޯޗު، އިސްތަވާން އުރްބާނީ ވަނީ އާންމުކޮށް ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެގޮތުން އަބްދުالله ލޫތު އާއި މުޒްދާން ހަސަން ހިމެނުނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައި، ޗައިނާއިން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ. ޚާއްޞަކޮށް ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި، ޗައިނާގެ ހަމަލާތައް ދިފާޢުކޮށްފައެވެ. އަދި ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި ކުޅުނު ހަސަން އީނާޒް، ސަމޫހު އަލީ އަދި އަމްދާން އަލީ ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖޭގެ ހާފުގައި ގިނަ ވަގުތު ބޮޅަ ގެންގުޅެ، ޗައިނާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް، ދެވަނަ ހާފަށް ޗައިނާއިން ނިކުތީ އެ ޓީމުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން 6 ބަދަލަކާއެކުގައެވެ. މި ބަދަލުތަކާއެކު ޗައިނާއިން ފުލުފުލުގައި ދިން ހަމަލާތަކުގައި، ރާއްޖޭގެ ޑިފެންސް ފޫއަޅުވާލައި ފުރަތަމަ ގޯލު ޖެހީ މެޗުގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވަންގް ޒިމިންގްއެވެ.
އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 55 ވަނަ މިނެޓުގައި ޒިމިންގް ވަނީ ޗައިނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ޒިމިންގް ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގެ ފަހު ހާފުގައި ވެސް ކީޕަރު ހުސެއިން ޝަރީފް ވަނީ އިތުރު ނުރައްކާތެރި ހަމަލާތަކެއް ދިފާޢުކޮށް މޮޅު ސޭވްތަކެއް ކޮށްފައެވެ. މި މެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން ޗައިނާ މޮޅުވެގެންނެވެ.
މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭން ދެން ކުޅޭ މެޗުތައް އޮންނާނީ ކިރްގިސްތާންގެ ބިޝްކެކްގައެވެ. އެ ގޮތުން، މި މަހުގެ 28 ވަނަ ދުވަހު ކިރްގިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު، އޭގެ ތިން ދުވަސް ފަހުން ރާއްޖެ ނިކުންނާނީ ލެބަނަންއާ ދެކޮޅަށެވެ. އަދި ޗައިނާއިން މި ބްރޭކުގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޒީލެންޑް، ފަލަސްތީން އަދި ތަޖިކިސްތާނާ ދެކޮޅަށެވެ.










ކިޔުންތެރިންގެ ހިޔާލު