އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ކުޅިވަރު ޢީދު ކަމަށްވާ 20 ވަނަ އޭޝިއަން ގޭމްސް ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ފަށައިފިއެވެ.
މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން އައިޗީ-ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކްސްސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދީފައިވާ ތަރި މަރިޔަމް އީޝަލް މިސްބާހެވެ.
ދިވެހި ޓީމުން ރަސްމިއްޔާތުގައި ބައިވެރިވީ ދިވެހި ސަގާފީ ހެދުމުގައެވެ. ފެށުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ސަގާފަތާއި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ހިތްގައިމު ހުށަހެޅުންތަކާއި، ބަޑިބޭހުގެ ކުޅިވަރުތައް ވަނީ ދައްކާލާފައެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ގޭމްސް ފައްޓަވައިދެއްވީ ޖަޕާނުގެ އެމްޕެރަރނަރުހީޓޯއެވެ. މީގެއިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ޝައިޚް ޖޮއާން ބިން ޙަމަދު އަލްޘާނީ އާއި އައިއޯސީ ރައީސް ކިރްސްޓީ ކޮވެންޓްރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން 7 ކުޅިވަރަކުން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗް ވޮލީ އަދި ސަރފިންގް އެވެ. ގޭމްސްގައި ދިވެހި ޓީމުގެ އިވެންޓްތައް މާދަމާ ފަށާނީ ޝޫޓިން، ޓީޓީ، ސްވިމިން އަދި ބީޗް ވޮލީ ބޯޅައިންނެވެ. ދިވެހި ޓީމުން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ސްވިމިންގނޫން ހުރިހާ ކުޅިވަރެއް އޮތީ ނަގޯޔާގައެވެ. ސްވިމިން އިވެންޓްތައް އޮތީ ޓޯކިޔޯގައެވެ.










ކިޔުންތެރިންގެ ހިޔާލު