ސެޕްޓެންބަރު 15 ވަނަ ދުވަހުން ފެށިގެން އެމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ ޕީއެންސީގެ މަތީ މަޖިލީހުގައި އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދުތަކުން ޕާޓީއާމެދު ރައްޔިތުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ސާފުވެގެންދާކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކުރި 10 ގޮނޑިއަށް 23 ބޭފުޅަކު ވާދަކުރައްވާއިރު، ޒުވާނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް 13 ބޭފުޅުން ކުރިމަތިލައްވައެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އާއްމުކޮށް އެންމެންނަށް ކުރިމަތިލެވޭ ގޮތަށް ހުޅުވައިލި 18 ގޮނޑިއަށް 73 ބޭފުޅުން ވާދަކުރައްވައެވެ. އަދި ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅުން އިންތިހާބުކުރާއިރު އެ ޖާގައަށް 11 ވަރަކަށް ބޭފުޅުން ކުރިމަތިލައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންްގްރެސްއާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެމްއެމްޓީވީން ކުރިއަށްގެންދާ “ކޮންގްރެސް ފޯރި” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސްގައި އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަށް ގިނަ އަދަދެއްގެ ބޭފުޅުން ރެޔާ ހަމައަށް ކުރިމަތިލައްވާފައިވާ ކަމަށެވެ.
ކޮންގްރެސްގައި ޕާޓީގެ ހަ ނައިބުރައީސުންނާއި، އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމުގެ އިތުރަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މެންބަރުންގެ މަޖިލީހުގައި ޒުވާނުންނަށް ހާއްސަކުރެވިފައިވާ ހަތް ގޮނޑިއަކާއި އަންހެނުންނަށް ހާއްސަކުރެވިފައިވާ ދިހަ ގޮނޑިއަކާއި، އާއްމުކޮށް ހުޅުވާލައިގެން އިންތިހާބުކުރާ 18 ގޮނޑިއަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނެއެވެ.
“އެހެންވީމާ މީގެއިން މިފެންނަނީ ޕާޓީގެ އެތެރޭގައި އޮތް ޑިމޮކްރެޓިކް ސިސްޓަމްގެ ވަރުގަދަކަން ދެއްތޯ؟ އެހެންވީމާ އެ ވާދަކުރައްވަނީ. އަނެއްކާ ޕާޓީއާމެދު ޝައުގުވެރިކަން އޮތީމަތާ މިހާ ގިނަ ބަޔަކު ވާދަކުރައްވަނީ. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ފެންނަނީ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކުގެ އަދަދަށް ގިނަ ފަހަރަށް ބޭފުޅުން ކުރިމަތިލައްވާފައި ހުންނަނީ،” ޢަބްދުއްރަހީމް
ކުރީގައި ސިޔާސީ ޕާޓީތަކުގައި ކަންކަން ހިނގަމުންއައި ގޮތަށް އިޝާރާތްކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ކުރީގައި ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް ހޮވަންވީ މީހުންގެ ލިސްޓެއް ޕާޓީ ހިންގަވަން ތިއްބަވާ ލީޑަރުން ނެރުއްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކޮންގްރެސްގެ ތެރެއިން ވަކި ބަޔަކު އިންތިހާބުކުރުމަށް ބާރުއަޅުއްވައި ލިސްޓެއް ނެރުއްވާފައިނުވާކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ކޮންމެ މީހަކުވެސް މަގާމުތަކަށް ކުރިމަތިލައިގެން ކެމްޕެއިންކޮށްގެން ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ތާއީދާއެކު އިންތިހާބުވުމުގެ ފުރުސަތު ޕާޓީގައި އެބައޮތް ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު