ޤާނޫނީ މައްސަލަތައް އަވަސްކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ 3 ވަނަ ދައުރަށް މަޖިލީސް ހުޅުވުމާއެކު، ކޯޓުތަކާއި ބެހޭ ޤާނޫނަށް ބައެއް އިސްލާޙުތައް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މައްސަލަތައް އަވަސްކުރުމަށާއި، މަދަނީ މައްސަލަތަކުގެ މަރުހަލާ ފަސޭހަކުރުމަށް މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަދަނީ ކުދިކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭ ގޮތަށް، އަވަހަށް މައްސަލަތައް ހައްލުކުރުމަށް ކޯޓެއް ޤާއިމްކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށެވެ. އަދި ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށް އިސްލާޙުތަކެއް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލްވުމަށް ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ޤާއިމްކުރުމަށް ނުވަތަ ވަކި ކޯޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސްމޯލްސްޕްލެއިން ކޯޓެއް ޤާއިމްކުރުން މިއީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެކަމެއް. އޭރުން ކުދިކުދި މައްސަލަތައް މިސާލަކަށް 1 ލައްކައަށް ވުރެ ކުދި މައްސަލަތައް އަވަހަށް ހުށަހެޅި އަވަަހަށް ނިންމާލެވޭނެ. އަވަހަށް މައްސަލަތައް ހުށަހެޅި ނިންމޭ ގޮތަށް ކުދިކުދި ވިޔަފާރިތަކަށްވެސް ފަސޭހަވާނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ނިޒާމް ޚަރަދު ކުޑަ ނިޒާމަކަށް ބަދަލުކުރުމަކީ އަމާޒެއްކަމަށެވެ. އަދި ޝަރުޢީ ނިޒާމު މިނިވަންކުރުމަށާއި އެ ނިޒާމު ހަރުދަނާކުރުމަށް މިހާތަނަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ޝަރުޢީ ދާއިރާގެ ބަޖެޓް އެއްކޮށް ވަކިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާގެ ބަޖެޓް ބޮޑުކޮށްދިނުމުގެ އިތުރުން، ޝަރުޢީ ދާއިރާއިން ބޭނުންވާ ގޮތަށް އެ ދާއިރާ މިހާރު މިނިވަންކޮށްފައިވާކަމަށެވެ.
ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމަށް ބަޔަކާއެކު ސޮއިކޮށް، އެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ ހިންގުން ހުއްޓިފައި ވަނިކޮށް އެ ދެ ކޯޓަށް ޚާއްސަ އިމާރާތެއް އަޅައިދީ، އެ ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސް ވަނީ މީގެ ކުރިން ނިންމަވާފައެވެ.










ކިޔުންތެރިންގެ ހިޔާލު