މަރުކަޒީ ބޭންކުން ބޭރު ފައިސާ ދޫކުރާ މިންވަރު އިތުރުކުރުމާ ގުޅިގެން ޓެލެގްރާފިކް ޓްރާންސްފާ ނުވަތަ ޓީޓީތަކަށް ޑޮލަރު ދޫކުރާ މިންވަރު ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް އިތުރުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
މި ނިންމުމަކީ މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ކުރިއަށް އޮތް ތިން ހަފުތާގެ ނިޔަލަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބޭންކަށް ލިބޭ ޑޮލަރާއި ޓީޓީގެ މިންވަރަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މާލޭގައި ހުންނަ ބީއެމްއެލްގެ މައި އޮފީހުން މައުލޫމާތު ދިން ގޮތުގައި، ޓީޓީތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރި ނަމަވެސް، އެއީ ކިތައް އިންސައްތައިގެ އިތުރުވުމެއް ކަމެއް އެ ބޭންކުން ހާމައެއް ނުކުރެއެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށްޓަކައި ބީއެމްއެލްއިން ވަނީ އެކި ކަސްޓަމަރުންނަށް 181 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން އެމެރިކާ ޑޮލަރުގެ މިންވަރެއް ކަމަށްވާއިރު، މިއީ ފާއިތުވި އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ބާރަ މިލިއަން އެމެރިކާ ޑޮލަރު އިތުރު އަދަދެކެވެ.
ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން އެމެރިކާ ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ދެ އިންސައްތަ ހަތެއް މިލިއަން އެމެރިކާ ޑޮލަރެވެ.
އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.
އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ފަންސާސް އެކެއް އިންސައްތައަށް ކުރިއަށް އޮތް ތިން ހަފުތާއަށް އިތުރުކުރުމަށް ނިންމާފައެވެ.
މި ބަދަލުގެ ސަބަބުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ލިބުމުގައި ހުރި ހުރަސްތައް ކުޑަވެ، ޓެލެގްރާފިކް ޓްރާންސްފާ އަދި ލެޓާ އޮފް ކްރެޑިޓް ނުވަތަ އެލްސީ މެދުވެރުކޮށް މުދާ އެތެރެކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ.
މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ތިރީސް ދެ އިންސައްތަ އިތުރުކުރިއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 24 އިންސައްތަ އިތުރުކޮށްފައެވެ.








ކިޔުންތެރިންގެ ހިޔާލު