ސްޓެލްކޯގެ މުވައްޒަފުންނަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭ އިންވެސްޓްމެންޓެއްގެ ގޮތުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
އަޒުވަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ލެވެލް ތިނެއްގެ ހަތަރު ކޯހެއް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުންފުނީގެ އަމާޒަކީ މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ތަމްރީނުލިބިފައިވާ ގާބިލު ބަޔަކަށް ހެދުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒުވަރު ވިދާޅުވީ، ކުންފުނިން އިންވެސްޓް ކުރަނީ ހަމައެކަނި ސެޓްފިކެޓަކަށް ނޫން ކަމަށާއި، އެއީ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކޯހުގެ ބައިވެރިން ޝައުގުވެރިކަމާއެކު ސެޝަންތަކުގައި ބައިވެރިވެ، އަމަލީ ގޮތުން ކަންކަން ދަސްކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މި ތަމްރީނުތައް ނިމުމުން އެކަމުގެ އެދެވޭ ނަތީޖާ ކުންފުންޏަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުވައްޒަފުންނަށް ލިބޭ ކުރިއެރުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއް ކަމަށާއި، އެއީ އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިވެ، މުޅި ގައުމުގެ ތަރައްގީއަށް ލިބޭ ބޮޑު ބާރެއް ކަމަށް އަޒުވަރު ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސެޓްފިކެޓް ލެވެލް ހާސިލުކުރުމަށް ހުޅުވާލި ފުރުސަތުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުންނާއި އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ ހަތްދިހަ ހައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި މުވައްޒަފުން ތަމްރީނުވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯގަސްޓް ދެހާސް ސައްބީސް އިންޓޭކްގައެވެ.








ކިޔުންތެރިންގެ ހިޔާލު