މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ހުއްދަ ދެއްވުމާ ގުޅިގެން، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވާން ފަށައިފިއެވެ.
މި މަޝްރޫއަކީ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ބޭރު ފައިސާއިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މި ފެސިލިޓީ ހެދުމުގެ ހުއްދަ ސަރުކާރުން މިހާރު ދެއްވާފައިވާ ކަމަށެވެ.
މި މަސައްކަތަށް ބޭނުންވާ ބިން މި މަހުގެ ތެރޭގައި ހަމަޖެހޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ސައުދީ ވިދާޅުވިއެވެ. ބިން ލިބުމާއެކު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުވެސް ތިލަފުށީގައި އެމްޓީސީސީން އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް ހުރި ކަމަށް ސައުދީ ވިދާޅުވިއެވެ. އައު ފެސިލިޓީއާއެކު ކުންފުނީގެ އާމްދަނީ އިތުރުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީން ބޭނުންކުރާ މަހާޖައްރާފު ފަދަ އުޅަނދުތަކަކީ ބައިނަލްއަގުވާމީ ގޮތުން ރެޖިސްޓްރީކޮށް ކްލާސްކޮށްފައިވާ އުޅަނދުތަކަށްވާތީ، ވަކި މުއްދަތުތަކެއްގައި ސާވިސްކުރުމަށް ރާއްޖެއިން ބޭރުގެ ފެސިލިޓީތަކަށް ގެންދަންޖެހެއެވެ. މީގެ ސަބަބުން ބޭރު ފައިސާއިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ފެސިލިޓީ ގާއިމުކުރާނީ އެމްޓީސީސީއާއި ސަރުކާރު ގުޅިގެން އެކުލަވާލާ ޕްލޭނެއްގެ ދަށުންނެވެ. މި ޕްލޭންގެ ދަށުން ޓްރާންޝިޕްމެންޓް ޕޯޓަކާއި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.








ކިޔުންތެރިންގެ ހިޔާލު