އިންޖިނީއަރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އާންމުންނަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ. މި މުބާރާތަކީ ސްޓެލްކޯގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ އިންޖިނީއަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކުވައިދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މި މުބާރާތުގެ ތީމް އަކީ “ސްޓެލްކޯ އިންޖިނިއާސް” އެވެ. މި މުބާރާތް މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ކުރަހަން ޖެހޭނީ ސްޓެލްކޯގެ އިންޖިނީއަރުން ކުރަމުންދާ މަސައްކަތްތަކާއި އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކުވައިދޭ މަންޒަރުތަކެވެ.
މުބާރާތުގެ ކެޓަގަރީތަކާއި އިނާމުތައް:
މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. އެއީ 5 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ ކެޓަގަރީއާއި، 11 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކެޓަގަރީއެވެ. ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ މޮޅު 10 ކުރެހުމަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އިނާމުތައް ކަނޑައެޅިފައިވާ ގޮތަކީ:
އެއްވަނަ: 2,500 ރުފިޔާ
ދެވަނަ: 1,500 ރުފިޔާ
ތިންވަނަ: 1,000 ރުފިޔާ
ހަތަރުވަނައިން ފެށިގެން ދިހަވަނައަށް: 500 ރުފިޔާ
ކުރެހުން ހުށަހެޅުން
މުބާރާތަށް ހުށަހަޅާ ކުރެހުންތައް ގެންދަން ޖެހެނީ ސްޓެލްކޯގެ ހެޑް އޮފީހުގެ އިންފޮމޭޝަން ކައުންޓަރަށެވެ. ކުރެހުން ހުށަހަޅާއިރު، ކުރެހުމާއެކު ބައިވެރިޔާގެ ނަމާއި، އައިޑީ ކާޑުގެ ފޮޓޯއަކާއި، އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިއްސާކުރަން ޖެހޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ކުރެހުން ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އެވެ.









ކިޔުންތެރިންގެ ހިޔާލު