ރާއްޖެއިން ހިމަބިހި (މީސަލްސް) ފެނުމާ ގުޅިގެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ބަލި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ބައިނަލްއަގުވާމީ ޝަރަފުވެރި ދަރަޖަ ގެއްލިދާނެ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މާތް ﷲގެ ވާގިފުޅާއެކު ދިވެހި ސިއްހީ ދާއިރާއިން ކުރި ބުރަ މަސައްކަތުން، 2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި ނައްތާލެވުނު ނަމަވެސް، މިހާރު މި ފެންނަނީ އެ ބަލި އަލުން ރާއްޖެ އެތެރެވެ ފެތުރެމުންދާ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށް ޑރ. ފައިސަލް ފާހަގަކުރެއްވި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ބަލި ފެނުނުތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ރާއްޖެއަކީ ހިމަބިހި ފެތުރޭ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަލުން ކަނޑައެޅި، މީގެ ކުރިން ލިބިފައިވާ އެވޯޑުތަކާއި ދަރަޖަ ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް އަލަށް 20 މީހަކަށް މި ބަލި ޖެހިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 186 އަށް އަރައިފަ އެވެ. މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށް، ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ވެކްސިން ފުރިހަމަކުރުމެވެ. ހިމަބިއްސަކީ ވެކްސިން ދީގެން ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ބައްޔަކަށް ވާތީ، ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ރިޕޯޓުކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.









ކިޔުންތެރިންގެ ހިޔާލު