ޤަވާއިދާ ޚިލާފަށް ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާ ދީފައިވާތީ، އެކުންފުނީގެ އިސްވެރިންނަށް ފިޔަވަޅު އަޅަން އޭސީސީއާއި ފުލުހުންނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފިއެވެ.
ފެނަކައިގެ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ލަފާދިން ކަންކަމާއެކު އެ ރިޕޯޓް ވަނީ މިހާރު ފާސްކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ ވަޒީފާގެ އިންޓަވިއުއެއް ނެތި ދާއިމީ ވަޒީފާތަކަށް މުވައްޒަފުން ގިނަ އަދަދަކަށް ނަގާފައިވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 1،300 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާއިރު، އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށް ވުރެ ގިނައިންވެސް ޕްރޮމޯޝަން ދީފައި ހުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ނެގުމާއި، ޕްރޮމޯޝަން ދިނުމާއި، މުސާރައާއި އިނާޔަތްތަކާ ގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ދިރާސާކުރުން pic.twitter.com/EZr9KuyniI
— People's Majlis (@mvpeoplesmajlis) July 29, 2026
މިއާއެކު އެ މައްސަލަ އޭސީސީ އާއި ފުލުހުން ބެލުމަށްފަހު އެކަމުގެ ތަފްސީލުތައް އެ އިދާރާތަކުން މަހަކު އެއްފަހަރު އެ ކޮމިޓީއަށް ހުށަހެޅުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ހަމައެހެންމެ 2021 ވަނަ އަހަރުން ފެށިގެން 2023 އަހަރުގެ ނިޔަލަށް އިންހައުސް ޕްރޮޖެކްޓްތަކަށް ނެގި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އިތުރަށް 229،000 ރުފިޔާ ދީފައިވާތީ އެކަން ހިނގާފައިވާ ގޮތް އިދާރީ ގޮތުން ބެލުމަށްފަހު އެ ފައިސާ ހޯދުމަށް އެންގުމަށާއި، އެ ފައިސާ އަނބުރާ ހޯދުނު މިންވަރާއި ނުލިބިވާ މިންވަރު މާލިއްޔަތު ކޮމިޓީއަށް އަންގަމުން ދިއުމަށްވެސް ކޮމިޓީން ވަނީ އަންގާފައެވެ. އަދި ފެނަކައިގެ މުވައްޒަފުންގެ އަދަދު މަދުކުރުމާއެކު، ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތަކުގެ މައުލޫމާތުވެސް ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގަން ވަނީ ފާސްކޮށްފައެވެ. އަދި ފެނަކައާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަތައް ހިނގާ ގޮތުގެ އަޕްޑޭޓް އެ ކޮމިޓީއަށް ހުށަހެޅުމަށް އޭސީސީއަށް އެންގުމަށްވެސް ވަނީ ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައެވެ.
ކޮމިޓީން ވަނީ ކުންފުނީގެ މުވައްޒަފުން ނެގުމުގެ އާންމުކޮށް އިއުލާނު ނުކޮށް ކުންފުނީގެ ވަޒީފާތައް ދެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އިއުލާނު ކޮށްގެން މުވައްޒަފުން ނަގަންޖެހޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ވެސް އަންގައިފަ އެވެ. އަދި އެކަމާ ގުޅޭ އުސޫލުތައް ސާފުކޮށް އެނގެން އޮންނަ ސްޓޭޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ތައް އެކުލަވާލުމަށްވެސް އަންގާފައެވެ. މީގެ އިތުރުން ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ހާމަނައިޒް ކުރެވިފައިވާ ސްލެސިފިކޭޝަންތައް މި ރިޕޯޓް ފާސްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށްވެސް ފެނަކައަށް އަންގަން ރިޕޯޓުގައި ހިމަނާފައިވެއެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވިކމށް ބުނެފައެވެ. ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 އެވެ.









ކިޔުންތެރިންގެ ހިޔާލު