ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަދަލާއެކު އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް އިތުބާރުހުރި، ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.
https://x.com/STELCOMALDIVES/status/2111331975810236670
ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ހަރުދަނާ އަދި ހިންގުންތެރި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

ހއ. އަތޮޅުގެ އިތުރުން، ސްޓެލްކޯއިން މީގެކުރިން ވަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް ރަސްމީކޮށް ޙަވާލުވެފައެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ކުންފުނީގެ އެންމެ ބޮޑު އުންމީދަކީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް، އާންމު ރައްޔިތުން ބަލައިގަންނަ ފަދަ އިތުބާރުހުރި މަތީ ފެންވަރަކަށް ގެނެސްދިނުން ކަމަށެވެ.











ކިޔުންތެރިންގެ ހިޔާލު