ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަރުހަލާގައި އެއްވެސް މުވައްޒަފަކު ވަކިނުކުރާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މި މަރުހަލާގެ ތެރެއިން އެއްވެސް މުވައްޒަފަކު މަދުނުކުރާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ފެނަކަ އުވާލައި އެ ކުންފުނީގެ ޒިންމާތައް ސްޓެލްކޯއާ ހަވާލުކުރަން ނިންމާފައިވާއިރު، އަފީފް ވިދާޅުވީ އެ މަސައްކަތް ހާއްސަ ޝެޑިއުލަކާ އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ފެނަކައިގެ ހުރިހާ ސްޓޭޝަނެއް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ހިދުމަތްތައް ބަދަލުކުރުމުގެ މަރުހަލާގައި ފެނަކައިގެ ހުރިހާ މުދަލަކާއި މުވައްޒަފުންވެސް ސްޓެލްކޯގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް އަފީފް ފާހަގަކުރެއްވި އެވެ. އަދި ވަކިވަކި ސްޓޭޝަންތައް ސްޓެލްކޯއާ ހަވާލުކުރެވެންދެން މުވައްޒަފުން ތިބޭނީ ފެނަކައިގެ ދަށުގައި، އެ ރަށެއްގެ މަސައްކަތްތައް ބެލެހެއްޓުމުގައި ކަމަށާއި، މުވައްޒަފުން ވަކިކުރުމުގެ އެއްވެސް ނިންމުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން މީހުން މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލުމުން ބަޔަކު ވަނީ އެ ޕެކޭޖުގެ ދަށުން ވަކިވެފައެވެ. މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ފެނަކައިގެ މުވައްޒަފުންގެ ޖުމްލަ އަދަދު 8000އާ ގާތްކުރެއެވެ.










ކިޔުންތެރިންގެ ހިޔާލު