ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރިކަން ޔަގީންވެފައިވީ ނަމަވެސް އެ ނިންމުން ނިންމެވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަފީފަކީ މި ސަރުކާރުގައި ފެނަކަ ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.
އަފީފްގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނަޖާހު އެވެ. އޭނާ މަގާމުން ވަކިކުރީ މިއަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ގެނެވުނު ބަދަލުތަކުގެ ތެރެއިންނެވެ.

ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަފީފަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ.
މި ބަދަލު އައިސްފައިވަނީ ފެނަކަ އުވާލައި އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް އެ ކުންފުނި ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މުޅި އޮޕަރޭޝަން އެކީ ނިމިފައެއް ނުވެއެވެ.











ކިޔުންތެރިންގެ ހިޔާލު