ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގައި ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރާތުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް މުއިއްޒު ވަނީ ޕްރިންސް ޑރ. މަންސޫރަށް ހޫނު މަރުހަބާއެއް ދަންނަވައި، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވިކަމަށްޓަކައި ސައުދީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ސައުދީން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ހާއްސަކޮށް ދިވެހި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑރ. މަންސޫރު ދެއްކެވި ވާހަކަފުޅުގައި، ސައުދީގެ އިސްވެރިން ރާއްޖޭގެ ތަރައްގީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހްތިރާމާއި، ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިގްތިސޯދީ ތަރައްގީއާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހީތެރިކަމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ތަފްސީލީ ގޮތެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޕްރިންސް ޑރ. މަންސޫރު ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުންނެވެ.










ކިޔުންތެރިންގެ ހިޔާލު