ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ބޭއްވި ފޮތް ނެރުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން، ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ ފޮތް ކަމަށްވާ “މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް: އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް، އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން” ނެރެދެއްވުމަށް ފަހު، ފަސްޓްލޭޑީ ވިދާޅުވީ ހިސާބަކީ ހަމައެކަނި ކްލާސްރޫމަށް ހާއްސަ އިލްމެއް ނޫން ކަމަށެވެ. ދިވެހިންގެ މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ނިޔަމިކަމުގެ އިތުރުން ފަންގި ވިޔުމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކުގައި ވެސް ހިސާބު އިލްމުގެ ބޮޑެތި ހުނަރުތައް ބޭނުންކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހިސާބު އިލްމު ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކާ ގުޅުވާލުމުން ދަރިވަރުންނަށް އެ މާއްދާ އުނގެނުމަށް ފަސޭހަވެގެންދާނެކަން ފާހަގަކުރައްވަމުން، ތައުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެނުމަކީ ކުދިންގެ ނަފްސުބަލައިގަތުން އިތުރުވެ، ހިސާބަށް އޮންނަ ލޯބި ބޮޑުވާނެ ކަމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި މި ފޮތަކީ ދިވެހިންގެ ސަގާފީ އާދަކާދަތަކާއި އަމަލީ އިލްމު އެއްތަނަކަށް ޖަމާކޮށް، ތާރީހު ރައްކާތެރިކުރުމަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. މިއީ ގައުމިއްޔަތު ވަރުގަދަކޮށްދޭނެ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ މެދުގައި ހިސާބަށް ޝައުގުވެރިކަން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުމަށް ހިސާބުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. މި ފޮތުގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށް ދިވެހި މުޖުތަމައުގައި ފޮރުވިފައިވާ މުއްސަނދި އިލްމުތައް ހޯދުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.









ކިޔުންތެރިންގެ ހިޔާލު