ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފްލެޓް އެޅުމަށް ބޭނުންވާ ބިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. މި އެއްބަސްވުމުގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 12،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ހަވާލުކޮށްފައެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާމަކުރެއްވި ގޮތުގައި، އެ ކުންފުންޏަށް ބިން ލިބުމާއެކު މިހާރު ކުރިއަށްދަނީ އަމަލީ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ. އަދި މި އިމާރާތުގައި ހިމެނޭނެ ފްލެޓުތަކުގެ އަދަދާއި އެހެނިހެން ތަފްސީލީ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކާމިޔާބުކަމާއެކު މިފަދަ މަޝްރޫއުތައް ނިންމައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފައެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ދެ ޓަވަރެއްގެ މައްޗަށް އެކުލެވޭ 384 އެޕާޓްމަންޓް ހަދައި މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސްޓެލްކޯ ފަދަ ހިދުމަތްދޭ ބޮޑެތި ކުންފުނިތަކުންވެސް ވަނީ މުވައްޒަފުންނަށް ހާއްސަ ޓަވަރުތައް ބިނާކޮށްފައެވެ.









ކިޔުންތެރިންގެ ހިޔާލު