ބ. ކަމަދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު، ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމްތެރޭ ނިންމާލެވޭނެ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބ. ކަމަދޫގައި އިމާރާތްކުރުމަށް ވައުދުވެފައިވާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މިހާތަނަށް އެއްވެސް ވަރަކަށް ކުރިއަށްނުދާ ސަބަބަކީ ކޮބައިތޯ؟ އަދ،ި މި ދައުރުގައި މި ސްކޫލުގެ މަސައްކަތް ފަށައި ނިންމައި ދަރިވަރުންނަށް ބޭނުންކުރަން ފެށޭނެ ތާރީހަކީ ކޮބައިތޯ؟ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ ވަޒީރާ ސުވާލުކުރައްވާފައެވެ.
ކަމަދޫ ސްކޫލުގައި ދެ ކުލާސްރޫމާއި އޮފީސް އިމާރާތެއް އެޅުމަށްޓަކައި ފެށި އެ މަޝްރޫއަކީ 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޭރު އޮތް ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނާފައިނުވާ ކަމަށް ޑރ. ޝަފީއު ވިދާޅުވިއެވެ.

“ކަންމިހެން ހުރުމުން މި ޕްރޮޖެކްޓާއި އަދި މިފަދައިން އެކަށީގެންވާ އަދަދަށް ފައިސާ ނުހިމަނާ ހުރި ޕްރޮޖެކްޓުތައް ހިމެނޭ ގޮތަށް 2024 ވަނަ އަހަރު ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗާ ޕްލޭނެއް ވަނީ އެކުލަވާލެވިފައި. އެމްޑީޕީ ސަރުކާރުން ދެ ކުލާސްރޫމް އަދި އޮފީސް އިމާރާތް ހިމެނޭގޮތަށް ކުރިއަށް ގެންދަން ހަމަޖެއްސި ޕްރޮޖެކްޓު، ސްކޫލާއި ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް މިހާރު ވާނީ ހަ ކުލާސްރޫމް އަދި އޮފީސް އިމާރާތް ހިމެނޭ ޕްރޮޖެކްޓަކަށް ބަދަލުކޮށްފަ،”. ވަޒީރު
ކަމަދޫ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބޭނުންވާ ބިމުގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ލިބިފައިވާ ބިމުގައި އިމާރާތް އެޅުމަށް ބޭނުންވާ ޑިޒައިން އެކުލަވާލައި، ސްޓްރަކްޗަރަލް ކުރެހުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑރ. ޝަފީއު ވަނީ ވިދާޅުވެފައެވެ.
“މިއަހަރުގެ ދެވަނަ ޓާމުގެ ކުރީކޮޅު އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ. މިއަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުތެރޭގައި މަސައްކަތް ނިމޭނެ ކަމަށް އަޅުގަނޑަށް ވަނީ މައުލޫމާތު ލިބިފަ،”. ވަޒީރު
ކަމަދޫ ސްކޫލްގެ މި މަޝްރޫއު މިދިޔަ އަހަރު އޮގަސްޓު މަހު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ކަމަދޫ ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމައަށް 80 އެއްހާ ދަރިވަރުންނަށް ތައުލީމު ހާސިލްކުރަމުން އަންނަ ސްކޫލެކެވެ.









ކިޔުންތެރިންގެ ހިޔާލު