އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 140 ފުލުހަކު ދަސްވެނިވެއްޖެއެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގެ ދަސްވެނިވުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ފާއިތުވި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ޖުމްލަ 158 ބައިވެރިންނާއެކު ފެށި މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައި ސަނަދު ހާސިލުކޮށްފައިވަނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ދަސްވެނިންގެ އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި ކޯހުން އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް ވަނީ އެވޯޑު ދީފައެވެ. އެގޮތުން މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވި، ކޮމިޝަނާސް އެކްސެލެންސް އެވޯޑް ކޮންސްޓަބަލް އިބްރާހީމް އިރްފާހު ހާސިލުކުރިއިރު، އިންޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް ރާކިން އަޙްމަދެވެ. އަދި އައުޓްޑޯ ހަރަކާތްތަކުން ކޮންސްޓަބަލް ޙުސައިން ރިފްޝާން ޢަލީ އެއްވަނަ ހޯދިއިރު، އެންމެ މޮޅު ސްކޮޑަކަށް ހޮވުނު ‘އައިނެއްލާ ސްކޮޑް’ އާ ޝީލްޑް ހަވާލުކޮށްދެއްވީ ސީޕީ އަޙްމަދު މުޙައްމަދެވެ.
އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު މި ޒުވާން އޮފިސަރުންނަކީ ފަންނީ އަދި ގާނޫނީ ހުނަރުތަކުގެ އިތުރުން އިންސާނީ ޙައްޤުތަކަށް އިހުތިރާމުކުރަން ދަސްކޮށްދީގެން ތަމްރީނުކޮށްފައިވާ ބައެކެވެ. މި ތަމްރީނުތަކާއެކު، މި އޮފިސަރުން ދެން ނުކުންނާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޢަމަލީ މަސައްކަތަށެވެ.












ކިޔުންތެރިންގެ ހިޔާލު