ރިކަރެންޓް ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ސަރުކާރުން ދިން އިރުޝާދުތަކާ ހިލާފަށް ރާއްޖެއިން ބޭރަށް ކުރި ދެ ދަތުރަކަށް އައްޑޫ ސިޓީ ކައުންސިލުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
މި ކަން ހާމަވެފައިވަނީ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރި 2024 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާ އާއި ސިންގަޕޫރަށް 8 ދުވަހުގެ ދަތުރެއްގައި 8 ކައުންސިލް މެންބަރުންނާއި ދެ މުވައްޒަފުންގެ މައްޗަށް 515،101 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އޮޑިޓުން ދައްކާ ގޮތުން ކައުންސިލުން މި ދަތުރުތަކުގައި ބައިވެރިވެފައިވަނީ މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގައި ކުރިއަށް ގެންދިޔަ “ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލެމް ސޮލްވިންގް ސްކިލްސް” ތަމްރީނު ޕްރޮގްރާމުގައެވެ. ނަމަވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ތަމްރީނަކީ އުމްރާނީ ތަރައްގީގެ ބަޔާންކޮށްފައިވާ މަގުސަދާ ސީދާ ގުޅުން ހުރި ތަމްރީނެއް ނޫން ކަމަށާއި ސިންގަޕޫރަށް ކުރި ޒިޔާރަތްތަކަކީ ވެސް ދަތުރުގެ މަގުސަދާ ސީދާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.
އޮޑިޓުން އިތުރަށް ހާމަވި ގޮތުގައި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ކުރި ދެވަނަ ދަތުރަކަށް 685،509 ރުފިޔާ އައްޑޫ ސިޓީ ކައުންސިލުން ހަރަދުކޮށްފައިވާއިރު، އެ ދަތުރުގައި އަންހެނުންގެ ތަރައްގީ ކޮމިޓީގެ 9 މެންބަރުންނާއި ކައުންސިލް މެންބަރަކާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެފައިވެ އެވެ.
ކައުންސިލްތަކުން ތަކުރާރުކޮށް ކުރާ ހަރަދު ކުޑަކޮށް، ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ނޫން ގޮތަކަށް ދަތުރުނުކުރުމަށް ސަރުކާރުން އަންގާފައި އޮތް ނަމަވެސް މި ދެ ދަތުރު ވެސް ކުރިކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރި އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ކައުންސިލުން ދަތުރުތައް ކުރިއަށް ގެންގޮސްފައިވަނީ އެ އިރުޝާދުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު