ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5 ސެގްމަންޓަކަށް ބަހާލައިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށްވަނީ ތަރައްޤީކޮށް ނިންމާފައެވެ. މިހާރު ކުރަމުންދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ. އެމްޓީސީސީން މަސައްކަތުގެ އަދާހަމަ ހިއްސާކޮށްފައިވާއިރު، މިސެގްމަންޓުތަކުގެ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
ޕޭމަންޓު ހެދުމާއި، ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި ގުޅުންހުރި ހޮޅިއާއި ކޭބަލް ވަޅުލުމާއި މުވާސަލާތީ އެކި ޚިދުމަތްތަކާ ގުޅުންހުރި ކޭބަލްތައް ވަޅުލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ހަމައެއާއެކު ފެން ހިންދާ ނިޒާމާއި ގުޅުންހުރި މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
އެމްޓީސީސީން ވިދާޅުވީ، މިހަފްތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަޙައްދެއްގެ ކެޕިންގ މަސައްކަތް ނިމިގެންދާނެކަމަށެވެ. މިއާއެކު 3 ސެގްމަންޓުގެ މިމަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިމުނީއެވެ. ހަމަމިއާއެކު ފެންހިންދުމަށް ޤާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިމަހުގެ 2 ވަނަ ހަފްތާގައި ނިންމުމަށްވަނީ އަމާޒު ހިފާފައެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. އެމްޓީސީސީގެ އަމާޒަކީ މިމަހުގެ ނިޔަލަށް މިމަގުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ކުރަމުން އަންނަ މަސައްކަތް ނިންމާލުމެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމިގެންދާއިރު، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ އިންތިޒާމާއެކު ބޮޑު ޕާކިންގއެއް، ބޭންކް އޮފް ސިލޯންގެ ކުރިމަތިން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެކަމަށްޓަކައި، ބަނދަރުން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއްވަނީ ހިއްކާފައެވެ. ހަމައެއާއެކު މަގު ތަރައްޤީކުރުމަށް ކުރިން ކުރިއަށްގެންދިޔަ ސެގްމަންޓުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، އެމްޓީސީސީންވަނީ މަގު ފެހިކުރުމަށް، އެސަރަޙައްދުން ނެގި ގަސްތައް އަލުން އިނދުމުގެ މަސައްކަތްވެސް ކޮށްފައެވެ.
މަގު ހެދުމުގެ މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާއިހަމައަށް އޮތް ސަރަޙައްދެވެ.










ކިޔުންތެރިންގެ ހިޔާލު