ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާ ފޯމާ ގުޅޭ ޝަކުވާ ހުށަހެޅޭނީ މި މަހު ވިއްސާ ހަމައަށްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެވުޒާރާއިން ބުނީ ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅި ފޯމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ސުންގަނޑި މި މަހުގެ ވިއްސަށް ހަމަވާނެ ކަމަށެވެ.
މި މުއްދަތުގެ ފަހުން ބޯހިޔާވަހިކަން ޕޯޓަލް އަދި ވުޒާރާގެ އީ-މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ބަންދުވާނެކަމަށް ވުޒާރާއިން ބުންޏެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވީ ނަމަވެސް “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް އެދި މި މަހުގެ ނިޔަކަށް ފޯމް ހުށަހެޅޭނެ އެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށެވެ. ހުށަނާޅައި ޕެންޑިންގައިވެސް 17،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އެބަހުރި ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ. ޑްރާފްޓްގައި ހުރި އެޕްލިކޭޝަންތައް ލިބުމާއެކު ޖުމްލަ 37،000 އެޕްލިކޭޝަން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
“ބޯހިޔާވަހިކަން އެންމެނަށް” ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.





ކިޔުންތެރިންގެ ހިޔާލު