އަންނަ ސީޒަންގައި ދިވެހި ޕްރެމިއަރ ލީގަށް އިތުރުކުރާނެ ޓީމެއް ކަނޑައެޅުމަށް، ރައްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން މިހާރު ކުރިއަށް ގެންދާ ރީޖަނަލް ލީގުތަކުގެ ސައުތު ރީޖަންގެ ޒޯން 1 ގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފިއެވެ.
ގަމުން މި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި 0-3 ގެ ނަތީޖާއަކުން ލ. ކުނަހަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.
އާދައިގެ ލަސް ގޭމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ގަމުން ވަނީ ދެ ގޯލު ޖަހާފައެވެ. އަދި އެ ޓީމުގެ ތިންވަނަ ގޯލަކީ، މެޗުގެ 35 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ކުނަހަންދޫގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި، 36 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގަމުން ގިނަ ހަމަލާތަކެއް އުފައްދާފައި ވެއެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ސައުތު ރީޖަން ޒޯން 1 ގައި ކުޅެފައިވަނީ މި މެޗު އެކަނިކަން ފާހަގަކުރެވެއެވެ.
މި މެޗުގެ އިތުރުން އިއްޔެ ވަނީ ސެންޓްރަލް ލީގު ޒޯން 2 ގެ ސެމީ ފައިނަލް މެޗެއްވެސް ކުޅެފައެވެ. މި މެޗުގައި ފ. ނިލަންދޫއާ ބައްދަލުކޮށް، ދ. މީދޫ އިން ވަނީ 1-2 ގެ ނަތީޖާއަކުން ކުރިހޯދާ، ފައިނަލަށް ދަތުރުކޮށްފައެވެ.
މި ޒޯންގެ ސެމީ ފައިނަލް ދެވަނަ މެޗު، މިއަދު ހަވީރު ކުޅޭނެއެވެ.
ޒޯންގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.








ކިޔުންތެރިންގެ ހިޔާލު