މ. މުލީގައި ޑެންގީ ހުން ޖެހިގެން ފަރުވާދެމުން ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ކުއްޖާ ނިޔާވީ ޑެންގީގެ ސަބަބުންކަން ކަށަވަރުކޮށްދީފައެވެ. މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ތައުލީމު ހާސިލުކުރަމުންދިޔަ މި ކުއްޖާ މުލީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ގަދައަށް ހުން އަންނާތީ މިދިޔަ އަންގާރަ ދުވަހުއެވެ. ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވެ ނިޔާވީކަމަށް މައުލޫމާތު ލިބެއެވެ.
މިއީ މި މަހުގެ ތެރޭގައި ޑެންގީ ބަލީގައި ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ. މި މަހުގެ 13 ވަނަ ދުވަހު ށ. މިލަންދޫއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާނަކުވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ. އެ ޒުވާނާ ނިޔާވީ ބަލީގައި ހާލު ސީރިއަސްވެ، މާލެ ގެނެސް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.









ކިޔުންތެރިންގެ ހިޔާލު