މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ހަ މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.

ހާލު ސީރިއަސްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މިހާރު ވަނީ މަރުވެފައެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހޮސައިން އެވެ.

އެ ކޮޅުވެއްޓިން ޖުމްލަ 14 މީހުން ދަތުރުކުރި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިފަދަ ހާދިސާތައް ހިނގުން ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ހާދިސާތަކުގައި މި އަަހަރު ބައެއް މީހުން ވަނީ މަރުވެފައެވެ.

އިޝްތިހާރު އިޝްތިހާރު