މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ "އިޙްސާސް" އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެހުންތައް ދައްކާލުމަށް ކުރިއަށްގެންދާ މަޢުރަޒެކެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖޭގެ އަވަށްޓެރި ބައެއް ޤައުމުތަކުގެ ކުރެހުންތައްވެސް މި މަޢުރަޒުގައި ހިމަނާފައިވެއެވެ.

މި މަހުގެ 6 އިން 16 އަށް ކުރިއަށްދާ މި މަޢުރަޒުގައި ޖުމްލަ ފަންސާސް ކުރެހުން ހިމަނާފައިވާއިރު، މި މަޢުރަޒަކީ ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް އައު ކުލަވަރެއް ގެނެސްދޭނެ މަޢުރަޒެއް ކަމުގައި ބެލެވެއެވެ.

"މި މަޢުރަޒުން ފަންނުވެރިންނަށް އިތުރު ހިތްވަރެއް ލިބި، ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެކަމަށް އުއްމީދުކުރަން،" މަޢުރަޒުގެ ވެރިފަރާތް ޢަބްދުﷲ ފާއިޒް ވިދާޅުވިއެވެ.

ނޭޝަނަލް އާރޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރެއްވުމާއެކު އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަ މަޢުރަޒެއް ކަމުގައި ފާހަގަކުރެވެއެވެ.

އިޝްތިހާރު އިޝްތިހާރު