ރަޝިޔާ ކައިރިން ޕެސިފިކް ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ 3 ބިންހެލުމާއެކު ސުނާމީގެ އިންޒާރު  ނެރެފިއެވެ.

މީގެ ތެރެއިން އެއް ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.4 ގައެވެ.

މިއަދު އައި ބިންހެލުންތައް މަރުކަޒުވެފައި ހުރީ ރަޝިޔާގެ ކަމްޗާކާ ރީޖަންގެ ވެރިރަށް ޕިތްރަޕައޮލޮސްކް-ކަމްޗާސްކީގައެވެ.

އިޝްތިހާރު އިޝްތިހާރު

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، ތިން ބިންހެލުންވެސް އައިސްފައިވަނީ އެއް ވަގުތަކާ ދިމާކޮށް ކަމަށެވެ.

އެއް ބިންހެލުމުގެ ބާރުމިން 7.4 ގައި ހުރި އިރު، ދެވަނަ ބިންހެލުމުގެ ބާރުމިން ހުރީ 6.7 ގައެވެ. އަދި ތިންވަނަ ބިންހެލުމުގެ ބާރުމިން ހުރީ 5.0 ގައެވެ.

އޭގެފަހުންވެސް، އެ ސަރަހައްދަށް އިތުރު ލޮޅުންތައް އަރާފައި ވެއެވެ.

މި ބިންހެލުންތަކާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، ސުނާމީގެ އިންޒާރު ނެރެފައިވަނީ ރަޝިޔާގެ އިތުރުން، އެމެރިކާގެ ހަވާއީ ސްޓޭޓަށެވެ. އެކަމަކު، ހަވާއީއަށް ނެރުނު އިންޒާރު މިހާރުވަނީ ނަގާފައެވެ.

ކަމްޗާކާ ރީޖަންގެ ވެރިރަށް ޕިތްރަޕައޮލޮސްކް ސިޓީއަކީ 163،152 މީހުންގެ އާބާދީއެއް ދިރިއުޅޭ ސިޓީއެކެވެ.

ބިންހެލުންތަކާ ގުޅިގެން އެ ސިޓީއަށާއި، ކަމްޗާކާ ރީޖަންގެ އެހެން ހިސާބުތަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.