ހއ. ވަށަފަރު ސްކޫލު ކްލާސްރޫމެއްގައި ދަރިވަރުން ކިޔަވަން ތިއްބާ ސީލިންގުން ބައެއް ވެއްޓި ދެ ދަރިވަރަކަށް އަނިޔާވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ހާދިސާގައި އަނިޔާވި ދެ ކުއްޖަކު އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔުމުން އިތުރު ފަރުވާއަށް އެއަތޮޅު ދިއްދުއަށް ގެންދިޔުމަށް ލަފާދީފައިވާތީ ދިއްދުއަށް ގެންދިޔަ ކަމަށެވެ.

ދިއްދުއަށް ގެންދިޔުމުން ހެދި ޓެސްޓްތަކުން ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

"އެއް ކުއްޖެއްގެ ކޮނޑު ހުޅަށް ތަދުވާތީ އެކްސްރޭ އެއް ނަގާލަން ދިއްދުއަށް ގެންދިޔައީ. ޑޮކްޓަރު ވިދާޅުވަނީ އެއްވެސް މައްސަލައެއް ނެތް ކަމަށް. ޓެސްޓްތަކުން ދައްކަނީ މައްސަލައެއް ނެތް ކަމަށް. އެހެންވެ މިހާރު ގެއަށް ދޫކޮށްލައިފި،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަނިޔާވީ ގްރޭޑް 9 ގައި ކިޔަވާ ދެ ކުއްޖަކަށެެވެ.

ސީލިންގް ވެއްޓުނީ އެމްޑީޕީ ސަރުކާރުގައި 2020 ވަނަ އަހަރު ކިޔަވައިދޭން ފެށި ކްލާސް ރޫމެއްގައެވެ.

އެ ރަށު ސްކޫލުން މީގެކުރިން ވަނީ ސީލިންްގްގައި މައްސަލަ އުޅޭކަން މިނިސްޓްރީގެ ސަމާލުމަކަށް ގެނެސްފައެވެ. އަދި މަރާމާތު ކުރަން ބޭނުންވާ ސާމާނު ވެސް ވަނީ އެ ސްކޫލަށް ފޮނުވާފައެވެ.