ޣައްޒާގެ ސްކޫލަކަށް ޒަޔަނިސްޓު ސިފައިން ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.

އާންމުން ނިދަން ތިއްބައި ޒަޔަނިސްޓުން ބޮންއަޅާފައިވަނީ ގާޒާ ސިޓީގެ ފަހްމީ އަލް- ޖަރްޖަވީ ސްކޫލަށެވެ. އެއީ، އެތައްސަތޭކަ ބަޔަކު ދިރިއުޅޭ ތަނެކެވެ.

ބޮން އެޅުމުގެ ސަބަބުން އަލިފާން ރޯވެ އެތައް ބަޔަކު ފިހިގެން މަރުވި އިރު، އޭގެ ތެރޭގައި އެތައް ކުޑަކުދީންވެސް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ހަމަލާގައި އިތުރު އެތައް ބަޔަކު ޒަޚަމްވިއެވެ.

ސްކޫލް އިމާރާތަށް ބޮންއެޅުމުގެ ސަބަބުން އަލިފާން ރޯވެފައިވާ ވަގުތުގައި މަތީ ފަންގިފިލާއިން ކުޑަ އަންހެން ކުއްޖަކު އަލިފާންގަނޑުގެ ތެރެއިން ހިނގާފައިދާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައި ވެއެވެ.

އަލިފާނުގެ ސަބަބުން ބައެއް ކުދިންގެ ހަށިތައްވަނީ ކާކުކަން ނޭނގޭ މިންވަރަށް އަނދާފައެވެ.

ސްކޫލަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިތައް ޣައްޒާ މޯޗަރީއަށް ގެންގޮސްފައި ވާއިރު، އާއިލާތަކުން ހަށިތައް ދެނެގަނެ ހިތްފަޅައިގެންދާފަދަ ރުއިމުގެ އަޑުތައް އިވޭ ވީޑިއޯތައްވެސް އާންމުވަމުން ދެއެވެ.

ޒަޔަނިސްޓުން ޣައްޒާގައި ކުޑަކުދިން ހިމެނޭހެން ބޮޑެތި ގަތުލުއާންމުތައް ހިންގަމުން ގެންދާއިރު، ދުނިޔެ އަދިވެސް އޮތީ ހިމޭނުންނެވެ. ޒަޔަނިސްޓު އިސްރާއީލު ހުއްޓުވާކަމަށް އަމަލީގޮތުން އެއްވެސް ކަމެއް ނުކުރެއެވެ.