ރައީސް މުއިޒް ވަނީ ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާތީ ސުވާލު އުފައްދަވާފައެވެ.

ރައީސް މުއިޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. މި ނިޒާމަކީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ، ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، އަދި ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ …

ރައީސް މުއިޒް އިތުރަށް ވިދާޅުވެފައިވަނީ މި ނިޒާމުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
"މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިޒް ވަނީ މި މަސައްކަތުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލައްވާފައެވެ.

ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޕީކަރ އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވެސް ވަނީ ތާއީދު ފާޅުކުރައްވާފައެވެ.