މާލޭގެ މަގުތަކަކީ މިއަދު ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް އޮތް ބޮޑު ތަކުލީފެކެވެ. މާލޭގެ ތޮއްޖެހުން އިންތިހާއަށް ގޮސްފައިވާއިރު، އެންމެ ބޮޑު އެއް އުދަގުލަކީ ޕާކުކުރާނެ ޖާގައެއް ނުލިބުމެވެ. ނަމަވެސް، މި ދަތިކަމުގެ ތެރެއިން ފެންނަ އެންމެ ހިތާމަވެރި އަދި ކަންބޮޑުވާ މަންޒަރަކީ، އާންމު މަގުތަކުގެ ބައެއް ހިސާބުތަކުގައި އަމިއްލަ އިޚްތިޔާރުގައި ރޯނުދަމައި، އެއީ ހަމައެކަނި ތިމާގެ އަމިއްލަ ޖާގައެއް ކަމަށް ހަދައިގެން އުޅޭ އުޅުމެވެ.
މަގަކީ އެންމެންގެ ހައްގެކެވެ. އެއީ ވަކި މީހެއްގެ މިލްކެއް ނޫނެވެ. އެހެންނަމަވެސް، މާލޭގެ ގިނަ ގޯޅިތަކާއި މަގުތަކަށް ބަލާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ގޭގެ ދޮރުމަތީގައި ނުވަތަ ފިހާރައިގެ ކުރިމަތީގައި ރޯނުދަމައި، ގޮނޑި ބަހައްޓައި، ނުވަތަ "ނޯ ޕާކިން" ބޯޑު އަމިއްލައަށް ހަދައިގެން ބަހައްޓާފައި ހުންނަ ތަން ފެނުމަކީ މިއަދު އާންމު ކަމެކެވެ. މިއީ ހަމައެކަނި ގަވާއިދާ ޚިލާފު ކަމެއް ނޫނެވެ. މިއީ އެހެން މީހުންގެ ހައްގަށް އަރައިގަތުމެކެވެ.
އެއްގަމު އުޅަނދު ދުއްވާ ކޮންމެ މީހަކީވެސް ދައުލަތަށް ފީތަކެއް ދައްކައިގެން މަގު ބޭނުންކުރުމުގެ ހައްގު ލިބިގެންވާ މީހެކެވެ. އެކަކު ޕާކުކުރާނެ ޖާގައެއް ނުލިބިގެން މުޅި މާލެ ވަށައި ބުރުޖަހާއިރު، އަނެކަކު އަމިއްލައަށް މަގުން ބައެއް "ރިޒާވް" ކޮށްގެން ހުރުމަކީ ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ މިކަމުގެ ސަބަބުން މަގުމަތީގައި ދެބަސްވުންތަކާއި ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވެއެވެ. އަދި މިފަދަ "އަމިއްލަ ޖާގަ" ތަކުގެ ސަބަބުން މަގުތައް އިތުރަށް ހަނިވެ، ދުއްވާ އެއްޗެއްސަށް ދަތުރުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
މި މައްސަލަ މިހާ ބޮޑަށް ގޯސްވެފައިވަނީ ކަމާބެހޭ ފަރާތްތަކުގެ މޮނިޓަރިންގް ނުވަތަ ބެލެހެއްޓުން ކުޑަވުމުން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އާންމު މަގުތަކަކީ އެންމެންނަށް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ތަނަކަށް ހަދަންޖެހެއެވެ. ވަކި ބަޔަކު ބާރުގަދަކޮށް، މަގުގެ ބައެއް "މިލްކު" ކުރުމުގެ ސަގާފަތް ހުއްޓުވަން ޖެހެއެވެ.
އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާއަކީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، އާންމު ތަންތަނުގެ ބޭނުން އެންމެންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން ހިފުމެވެ. މަގުމަތީގައި ރޯނުދަމައިގެން އަމިއްލަ ޖާގަ ހެދުމަކީ ތަހުޒީބު މުޖުތަމައެއްގައި ފެނިގެންވާނެ މަންޒަރެއް ނޫނެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ. މަގުތަކަކީ އެންމެންގެ ހައްގެއްކަން ކަށަވަރުކޮށްދޭން ޖެހެއެވެ.