ބްރިޖު ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓަކީ މަގުމަތީގެ ނުރައްކާތެރި ދުއްވުންތައް ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކަށް ހުރަސްއެޅުމަށް ގަސްތުގައި ހިންގި އަމަލެއް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓަކީ މަގުމަތީގެ އަމާންކަން ކަށަވަރު ކުރުމަށް ހަރަކާތްތެރިވާ ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށް ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ 4 މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ފޮޓޯއާއި ވަނަވަރު އާންމުކޮށްފައިވަނީ އެކްސިޑެންޓްވި ސައިކަލުގައި އޭރު ތިބި ދެ މީހުންގެއެވެ.
އޭގެ ތެރެއިން ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވެނީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އަބްދުﷲ ސައްމާހް ހަސަން ސޯދިގް، 20، އެވެ. ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވެނީ ކ. ގާފަރު، މަލަ، އަހްމަދު ސިނާޒް، 30، އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ދެން ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު މި ވަގުތު އާންމުނުކުރީ އެ މީހުންނާ ގުޅުންހުރި އިތުރު ބައެއް ކަންކަން ބަލަމުންދާތީއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ދެން ތިބި ދެ މީހުންނަކީ ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު، 21، އާއި ސ. ހިތަދޫ، ފެނިވާ، އަހްމަދު މާއިޝް މުހައްމަދު މާއިރު، 21، އެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އެ ދެ މީހުންނަކީ އެކްސިޑެންޓްވި ސައިކަލާއެކު އެ ވަގުތު ބްރިޖުގައި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ތިބި ދެ މީހުންނެވެ.
މި މައްސަލައިގައި ހިމެނޭ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާ ނުރައްކާތެރި ކުށެއްގެ ތުހުމަތު އޮތް ނަމަވެސް އެ މީހުން 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކުރީ، ވަކީލަކު ހަމަޖައްސައި ވަކީލާއެކު ކުރިއަށްދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.